Published on 13 March 2024
ރާއްޖޭގައި 3000 ހައުސިންގ ޔުނިޓް ތަރައްގީކުރުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ޖޮއިން ވެންޗަރއަކާއެކު ފްރޭމްވޯރކް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ހަވާލުކޮށްފައިވަނީ ސްރީލަންކާގެ ކުންފުންޏެއްކަމަށްވާ ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓަޑާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑްއާ ގުޅިގެންނެވެ.
މިއަދު ސޮއިކުރި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި 3000 ސޯޝަލް ހައުސިން ޔުނިޓް ޑިޒައިން ކުރުމާއި ފައިނޭންސް ކުރުމާއި އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ ޖޮއިންޓް ވެންޗާރގެ ދަށުންނެވެ. މިމަޝްރޫއު ކުރިޔަށްގެންދާނެ ސަރަހައްދެއް ކަނޑައަޅާނީ މިކޯޕަރޭޝަނާއި ސަރުކާރުން ކަނޑައަޅާ ހިސާބުތަކެއްގައެވެ. މިއަދު ސޮއިކުރި މި އެއްބަސްވުމުގައި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލްއެވެ، އަދި ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރީ ރާއްޖޭގެ ރިޕްރެޒެންޓޭޓިވް ކަމަށްވާ އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑް ގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ހުސެންއެވެ.