Published on 21 April 2025
"ގެދޮރުވެރިކުރުން" މަޝްރޫޢުގެ ދަށުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ 704 ފްލެޓް އިމާރާތުގެ ޙާލަތު ބެލުމުގެ މަސައްކަތް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ފަށައިފިއެވެ.
މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން 24 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި އިސްޕެކްޝަންގެ މައިގަނޑު މަޤްސަދަކީ އެފްޑީސީއިން މި އިމާރާތްތަކާ ޙަވާލުވުމުގެ ކުރިން ތަނުގެ ޙާލަތު ދެނެގަތުމެވެ. މިގޮތުން، އިމާރާތުގެ ސްޓްރަކްޗަރާއި، އާންމުން ބޭނުންކުރާ ސަރަޙައްދުތަކާއި އަދި މަރާމާތުކުރަންޖެހޭ ތަންތަން ދޮރުން ދޮރަށް ސަރވޭކޮށް ދެނެގަތުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މިއަދު ފެށިގެންދިޔަ އިންސްޕެކްޝަނާ ބެހޭގޮތުން ވާހަކަދައްކަވަމުން އެފްޑީސީގެ މެނޭޖިން ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، މި އިންސްޕެކްޝަންގެ ސަބަބުން ފްލެޓްތަކުގައި މަރާމާތު ކުރަންޖެހޭ ސަރަޙައްދުތައް ފާހަގަކުރެވި، މިހާރުގެ ޙާލަތަށްވުރެ ފްލެޓްތަކުގެ ފެންވަރު އިތުރަށް ރަނގަޅުކުރެވޭނެ ކަމަށެވެ.
މި ސްރަކްޗަރަލް އެސެސްމެންޓް ކުރިއަށްދާ މަސައްކަތްތައް ނިމެމުންދާ މިންވަރަކުން އާންމުންނަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.
ޗައިނާ އެގްޒިމް ބޭންކުގެ ލޯންގެ އެހީގައި ހުޅުމާލޭގައި ތަރައްޤީކޮށްފައިވާ 704 ފްލެޓުގެ މަސައްކަތްކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަނުންނެވެ.
މި ފްލެޓުތަކުގެ މަސައްކަތް ނިންމާ މީހުން ދިރިއުޅެން ފަށާފައިވަނީ 2018 ވަނަ އަހަރުގެ ކުރީކޮޅުގައެވެ.