Published on 27 June 2024
މި ކޯޕަރޭޝަނުން ތަރައްޤީކުރަމުންދާ 4000 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ އެންމެ ފަހުގެ މަސައްކަތްތައް ބެއްލެވުމަށް މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް، ޑރ. ޢަލީ ހައިދަރު އަޙްމަދު އެފްޑީސީގެ ސައިޓުތަކަށް ޒިޔާރަތްކުރައްވައިފިއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްޤީކުރަމުންދާ ހައުސިންގ ޔުނިޓްތަކުގެ މަސައްކަތްތައް ބެއްލެވުމަށް މިނިސްޓަރ ކުރެއްވި މި ޒިޔާރާތުގައި، އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ޙަމްދާން ޝަކީލްގެ އިތުރުން، ހައުސިންގ މިނިސްޓްރީގެ އިސްވެރިންނާއި އެފްޑީސީގެ އިސްވެރިން ބައިވެރިވެވަޑައިގެންފައިވެއެވެ.
މި ޒިޔާރާތުގައި މިނިސްޓަރ ވަނީ، މިހާރު ކުރިއަށްދާ 4000 ހައުސިންގ ޔުނިޓް މަޝްރޫޢުގެ އެކި ސައިޓްތަކަށް ޒިޔާރާތްކޮށް، މި މަޝްރޫޢު މިހާރު ކުރިޔަށް ގޮސްފައިވާ މިންވަރު ބައްލަވާލައްވައި، އެއްކޮށް ނިމިފައިވާ ޓަވަރުތަކުގެ ފިނިޝިންގ މަސައްކަތްތައް ކުރިއަށްދާގޮތް ވެސް ބައްލަވާލައްވާފައެވެ.
މި ޒިޔާރަތުގައި އެފްޑީސީއިން ތަރައްޤީކުރަމުންދާ 4000 ސޯޝަލް ހައުސިންގ ޔުނިޓް މަޝްރޫޢުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ޚިޔާލުފާޅުކުރައްވަމުން، މިނިސްޓަރ ވިދާޅުވީ، އެފްޑީސީގެ ބެލުމުގެ ދަށުން ކުރިއަށްދާ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ބާރުދުވެއްޔެއްގައި ކުރިއަށްދާކަމަށާއި ރާއްޖެއަށް ދިމަވެފައިވާ މާލީ ދަތިތަކާއެކުވެސް މި ހައުސިން މަޝްރޫއްގެ މަސައްކަތްތައް އެފްޑީސީ އަދި ކޮންޓްރެކްޓުންގެ ފުރިހަމަ އެއްބާރުލުމާއެކު ނިންމާ ފްލެޓްތަކުގެ ހައްޤުވެރިންނަށްވީ އެންމެ އަވަހަކަށް ފްލެޓްތައް ހަވާލުކުރެވިގެންދާނެކަމުގެ ފުރިހަމަ ޔަޤީންކަން އޮތްކަމަށެވެ.
މި ކޯޕަރޭޝަނުގެ ދަށުން ޖުމްލަ 4000 ހައުސިންގ ޔުނިޓް ތަރައްގީކުރަމުން އަންނައިރު، މި ޔުނިޓްތައް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ފިނިޝިންގ މަސައްކަތްތައް ނިންމާފައެވެ. އެގޮތުން، ފްލެޓްތައް ހަވާލުކުރާއިރު، ފަންކާ، ކުޑަދޮރު، ދޮރު، ޓައިލްސްހަރުކޮށް، ކުލަލައި، ފާހަނަތައްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެއެވެ.