ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މައިގަނޑު އަމާޒަކީ އަތްފޯރާފަށަށް ބޯހިޔާވަހިކަން ގެނެސްދީ އަލަށް ގެދޮރު ގަންނަން ބޭނުންވާ ފަރާތްތަކަށް ލުއިގޮތްތައް ހޯދައިދިނުމާއި އެކަމަށް މަގުފަހިކުރުމެވެ. ރައްޔިތުންނަށް ހެޔޮއަގެއްގައި އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއިއެކު އާބާދީގެ ނިސްބަތުން އެކަށީގެންވާ ބޯހިޔާވަހިކަން ހޯދައިދިނުމަކީ މި ކޯޕަރޭޝަންގެ އެންމެ މުހިންމު މަޤްޞަަދެވެ. މީގެއިތުރުން މުޖުތަމައުގައި އެންމެ ބޭނުންޖެހިފައިވާ ފަރާތްތަކަށް ސަބްސިޑައިޒްޑް އަގެއްގައި ބޯހިޔާވަހިކަން ހޯދުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.

މި ކޯޕަރޭޝަންގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގައި ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ 900 އަކަފޫޓުގެ 3 ކޮޓަރީގެ އެޕާރޓްމަންޓް އާއި 650 އަކަފޫޓުގެ 2 ކޮޓަރީގެ އެޕާރޓްމަންޓް އެވެ. ގްރޭޓަރ މާލެ ސަރަހައްދުގައި އަދި އަތޮޅުތަކުގައި ތަރައްޤީކުރުމަށް ރޭވިފައިވާ ހުރިހާ މަޝްރޫޢުތަކެއްގައި ޢަމަލުކުރާނީ މި ދެންނެވުނު މިންގަނޑު ތަކެވެ. މި މަޝްރޫޢުތަކުގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރޭގައި ހިމެނެނީ އާބާދީގެ ނިސްބަތުން މަތީ ސަރަހައްދުތަކަށް ހައި ރައިސް ޓަވަރު އަދި އާބާދީގެ ނިސްބަތުން މަދު ސަރަހައްދުތަކަށް ފްލެޓް އަދި ވަކިވަކި ހައުސިންގ ޔުނިޓްތަކެވެ.
މި ކޯޕަރޭޝަނުން އަތޮޅުތަކުގައާއި ގްރޭޓަރ މާލެ ސަރަހައްދުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. މީގެ ތެރޭގައި ސޯޝަލް ހައުސިންގ ޔުނިޓްތަކުގެ މަޝްރޫއު، ފަސްޓް-ޓައިމް ހޯމް ބަޔަރ އަދި އަމިއްލަ ގޯތި ތަރައްގީކުރުމުގެ މަޝްރޫއުތައް ހިމެނެއެވެ. މި ދާއިރާތަކަށް އިންވެސްޓްކުރުމަށް ބޭނުންވެލައްވާނަމަ، އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ވެބްސައިޓްގެ އިންވެސްޓަރުންގެ ފިތަށް ފިއްތަވާލައްވާށެވެ.