ޚަބަރު

ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް (އެފް.ޑީ.ސީ)އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ދެމެދު އެމް.އޯ.ޔޫ އެއްގައި މިއަދު ވަނީ ސޮއިކުރެވިފައެވެ. އެފް.ޑީ.ސީގައި ބޭއްވުނު އެމް.އޯ.ޔޫ ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓްގެ އިސްވެރިންނާއި އެފް.ޑީ.ސީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދު ސޮއިކުރެވުނު އެމް.އޯ.ޔޫގައި އެފް.ޑީ.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ސަލްފިއްޔާ އަންވަރެވެ. އަދި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް ހުސައިން އިސްމާއީލްއެވެ.

މިފަދަ ޕްރޮގްރާމުތައް ހިންގުމުގެ މައިގަނޑު މަގުސަދަކީ ޒުވާނުންނަށް ދިގު މުއްދަތައް ދެމިގެންދާ ތަމްރީނު ފުރުސަތުތައް ތަނަވަސްކުރުންކަމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް ހުސައިން އިސްމާއީލް ވިދާޅުވިއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ 6 މަސްދުވަހެވެ. މި ޕްރޮގްރާމް ފުރިހަމަކުރައްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓެއް ލިބިވަޑައިގަންނަވާނެއެވެ.

މެނޭޖިންގ ޑިރެކްޓަރ ސަލްފިއްޔާ އަންވަރުގެ ވާހަކަ ފުޅުގައި މި ޕްރޮގްރާމް ކާމިޔާބިކަމާއިއެކު ކުރިއަށްގެންދިއުމަށް އެފް.ޑީ.ސީގެ ފަރާތުން ބޭނުންވާ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

މި އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެ ދަށުން އެފް.ޑީ.ސީއިން 10 ކޮންސްޓްރަކްޝަން އޮފިސަރުން ތަމްރީނުކުރުމަށް ނިންމާފައެވެ. އެގޮތުން ނޭޝަނަލް ސެޓްފިކެޓް 3 އިން ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު ކޮންސްޓްރަކްޝަން އޮފިސަރުންނަށް ކައިރި މުސްތަޤުބަލުގައި ހުޅުވާލެވިގެންދާނެއެވެ.

އެފް.ޑީ.ސީގެ އުންމީދަކީ އިމާރާތްކުރުމުގެ މަޝްރޫއުތަކުގައި މަސައްކަތްކުރާ ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު މި ޕްރޮގްރާމްގެ ތެރެއިން މަގުފަހިކުރެވި، މުސްތަޤުބަލުގައި އިމާރާތްކުރުމުގެ ދާއިރާގެ ފަންނީ މަސައްކަތްތަކުގައި މަސައްކަތްކުރާ ދިވެހި ޒުވާން ތަޖުރިބާކާރުން އިތުރުކުރުމެވެ.