News / ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރަމުންދާ 21 ޓަވަރެއްގެ ސްޓްރަކްޗާރގެ މަސައްކަތް ނިމިއްޖެ
FDC

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރަމުންދާ 21 ޓަވަރެއްގެ ސްޓްރަކްޗާރގެ މަސައްކަތް ނިމިއްޖެ

Published on 30 May 2024

ފަހި ދިރިއުޅުން ކޯޕަރޭޝަނުން އިމާރާތްކުރަމުންދާ 21 ޓަވަރެއްގެ ސްޓްރަކްޗާރގެ މަސައްކަތް ނިމިއްޖެއެވެ.

ސްޓަރަލްޗާގެ މަސައްކަތް ނިމިނިފައިވާ ޓަވަރުތަކުގެ ތެރޭގައި އިންޑިއާގެ ކޭޕީއައިލްއިން ތަރައްގީކުރަމުންދާ އާމާން އުދަރެސް ޓަވަރު 1، 2، 5، 6، 7، 8، 11، 12، 13، 14، 15 އަދި 16 ހިމެނެއެވެ.  

މީގެއިތުރުން، އިންޑިއާގެ އެންބީސީސީއިންތަރައްގީކުރަމުންދާ އަމާން ދޯދި ޓަވަރުތަކުގެ ތެރެއިން، ޓަވަރު 1، 2، 5، 6، 7، 8، 14، 15 އަދި 16 ހިމެނެއެވެ. މި ޓަވަރުތަކުގައި މިހާރު ކުރަމުންދަނީ ފިނިޝިންގެ މަސައްކަތެވެ. އެންބީސީއިން ތަރައްޤީކުރަމުންދާ 2 ކޮޓަރީގެ ހުރިހާ ޓަވަރެއްގެ މަސައްކަތް މިހާރު ނިމިފައިވާއިރު، އެންމެ ފަހުން ނިމުނީ އަމާން ދޯދީގެ ޓަވަރު 06 އެވެ.

އަމާން ދޯދި ޓަވަރު 6ގެ ސްޓްރަކްޗާ ނިމުމުގެ މުނާސަބަތުގައި ވާހަކަދައްކަވަމުން، އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، ވޭތުވެދިޔަ 6 މަސްދުވަހު ތެރޭގައި ބޮޑުތަނުން މަސައްކަތުގެ ސްޕީޑް އަވަސްކުރެވިފައިވާ ކަމަށެވެ.

އެގޮތުން، މަސައްކަތުގެ ސްޕީޑް 2.4 އިންސައްތައިން 8.4 އިންސައްތައަށް މިހާރު އަވަސްކޮށްފައިވާ ކަމަށް ވެސް ހަމްދާން ވިދާޅުވިއެވެ.  

ހަމްދާން ވިދާޅުވީ، މަސައްކަތުގެ ސްޕީޑާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށާއި، އެފްޑީސީގެ އިންޖިނިއަރުން މަސައްކަތުގެ ފެންވަރު ކަށަވަރުކުރުމަށް 24 ގަޑިއިރު މެދުކެނޑުމެއްނެތި މަސައްކަތްކުރަމުންދާ ކަމަށެވެ.

ސަރުކާރުގެ "ގެދޮރުވެރިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އެފްޑީސީއިން އިމާރާތްކުރަމުންދަނީ ޖުމްލަ 4000 ހައުސިންގ ޔުނިޓްގެ 32 ޓަވަރެވެ. މި 4000 ހައުސިންގ ޔުނިޓް ނިމޭނެ ކަމަށް މި ކޯޕަރޭޝަނުން އަންދާޒާ ކުރަނީ 2025 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރަށެވެ.